މިމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި 30،644 ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދިހަ ދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ދިހަ ދުވަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 43 ޕަސެންޓް ދަށްވެފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދިހަ ދުވަހު ރާއްޖެއަށް 53،737 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ދިހަ ދުވަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 8،761 ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެއީ 3،908 ޓޫރިސްޓުންނެވެ. ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔުކުރެއިނުންނެވެ. އެ ގައުމުން 2،680 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް 141 ރިސޯޓުގެ 32،636 ޓޫރިސްޓު އެނދު އަދި 286 ގެސްޓު ހައުސްއެއްގެ 5،448 އެނދު، 131 ސަފާރީގެ 2،530 އެނދު އަދި 11 ހޮޓަލެއްގެ 1،458 އެނދު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.