"ހައިކާސް ވިލާ" ގެ ނަމުގައި ފުވައްމުލަކުގައި މުޅިން އާ ކޮންސެޕްޓަކަށް ހެދި ގެސްޓް ހައުސްއެއް ހުޅުވައި، ބޮޑު އީދަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެ ރަށު މާލެގަމު އަވަށުގައި އަތިރި މައްޗާ ކުރިމަތިވާ ގޮތަށް ވިލާ ކޮންސެޕްޓަކަށް ހަދާފައިވާ ހިތްގައިމު އެ ގެސްޓްހައުސްގައި ހަތަރު ކޮޓަރި އާއި ރެސްޓޯރަންޓް، ސުވެނިއާ ޝޮޕެއް ވެސް ހުރެ އެވެ.

ހަތަރު ތަރީގެ މި ހޮޓަލުގައި ރޫމް ސާވިސް އާއި 24 ގަޑިއިރު ފްރޮންޓް ޑެސްކްގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ފުވައްމުލަކުގައި އަލަށް ހެދި ގެސްޓް ހައުސް "ހައިކާސް ވިލާ" ގެ ހިތްގައިމު ކޮޓަރިއެއް.

ހައިކާސް ވިލާގައި ޖަކޫޒީ އާއި ސްޕާގެ އިތުރުން ޖާގަ ތަނަވަސް ފެމިލީ ރޫމްތައް ވެސް ހުރެ އެވެ.

"ރަސްމީކޮށް މިތަން ހުޅުވުމުގެ ކުރިން މިހާރު މިވަނީ މިފަހަރު ބޮޑު އީދާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. އެއީ އީދާ ދިމާކޮށް މި ރަށަށް އަންނަ މީހުންނަށް ހިތްގައިމު ތަނެއްގައި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން،" އެ ގެސްޓް ހައުސްގެ އިސް އޮފިޝަލަކު ބުންޏެވެ.

ފުވައްމުލަކުގައި އަލަށް ހެދި ގެސްޓް ހައުސް "ހައިކާސް ވިލާ" ގައި ހުންނަ ޖަކޫޒީ.

މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށުގައި ހުންނަ މި ގެސްޓް ހައުސްއަށް އަންނަ މެހުމާނުންނަށް ހިތްހަމަޖެހޭ އުފާވެރި ހިދުމަތްތަކެއް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

"މިތަނުން ބޭނުން ވަނީ އަންނަ ކޮންމެ މެހުމާނަކަށް ވެސް މިރަށުގެ ހާއްސަ މެހުމާންދާރީ އަދާކޮށް، އެ ބަޔަަކު ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން. އެގޮތުން މެހުމާނުންނަށް ހާއްސަ މިތަނުގެ ރެސްޓޯރަންޓުން ވެސް ވަރަށް ގިނަ ރަހަތައް ލިބެން ހުންނާނެ،" އެ އޮފިޝަލް ބުންޏެވެ.