ޅބޭންކަށް ނުގޮސް އޮންލައިންކޮށް އެކައުންޓު ހުޅުވޭގޮތް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހަދައިފި އެވެ.

އެމްއައިބީން ބުނީ އެބޭންކުގެ އެކައުންޓެއް ހުޅުވުމަށް ބޭންކަށް މިހާރު ދާކަން ނުޖެހޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އެބޭންކުގެ އެކައުންޓެއް އޮންލައިންކޮށް ހުޅުވޭނެ ކަމަށް އެމްއައިބީއިން ބުނެ އެވެ.

ބޭންކަށް ނުގޮސް، ކޮންމެތާކު ހުރެގެން ވެސް އެމްއައިބީގެ އެކައުންޓެއް ހުޅުވުމަށް ތައާރަފްކުރި ހިދުމަތަށް ދިވެހި ސަރުކާރުގެ އެކި ހިދުމަތް ހޯދުމަށް ބޭނުންކުރާ "އީފާސް" މެދުވެރިކޮށް "އެމްއައިބީ އެޕްލައިނައު ޕޯޓަލް" އިން މިހާރު އެކައުންޓް ހުޅުވުމަށް އެދެވޭނެކަމަށް އެމްއައިބީން ބުނެ އެވެ. އަދި އެކައުންޓް ހުޅުވުމަށް އެދުމުން ބޭންކުން ވީޑިއޯ ވެރިފިކޭޝަން އެއް ހެދުމަށްފަހު އެކައުންޓް ހުޅުވައިދޭނެ ކަމަށް ވެސް ބެންކުން ބުނެ އެވެ. އަދި ހަމަ އެ ފޯމު މެދުވެރިކޮށް އެމްއައިބީ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަކަށް ވެސް އެދެވޭނެކަމަށް އެމްއައިބީން ބުނެ އެވެ.

އެކައުންޓް ހުޅުވުމުން އެމްއައިބީ ފައިސާނެޓް ނުވަތަ މޮބައިލް އެޕް-ފައިސާ މޮބައިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް އެމްއައިބީން ބުނެ އެވެ.

މި ފަސޭހަތަކާއެކު ރާއްޖޭގައި އެނެމް ފަސޭހައިން އިތުބާރާއިއެކު ބޭންކިން ހިދުމަތް ދޭ ބޭންކަށް އެމްއައިބީ ވާނެ ކަމަށް އެމްއައިބީން ގަބޫލުކުރެ އެވެ.

މާލީ މުއާމަލާތްތައް ޑިޖިޓަލްކޮށް ހިނގާ ޒަމާނެއްގައި، ބޭނުން ކޮންމެތަނެއްގައި ހުރެގެން ބެންކު އެކައުންޓު ހުޅުވުމުގެ ހިދުމަތް ތައާރަފްވެގެން ދިއުމަކީ ރާއްޖެގެ ފަދަ ޖަޒީރާ ގައުމެއްގެ ބެންކިންގ ނިޒާމަށް އެމްއައިބީން ގެނެސްދިން އިންގިލާބީ ބަދަލެކެވެ.