ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ބާރު ބޮޑުވެފައިވާތީ، ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.

އެމްއޭސީއެލް އިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ ސްކޫލު ޗުއްޓީ އާ ބޮޑު އީދަށް އެކި ބޭނުންތަކުގައި ފުރާ މީހުން މިދުވަސްވަރު ގިނަވެފައި ވަނިކޮށެވެ.

އެމްއޭސީއެލް އިން ބުނީ މިދުވަސްވަރު އެއާޕޯޓުން ފުރާ މީހުން ގިނަވެ ޗެކިން ކިއުތަކުގައި ގިނައިރު މަޑުކުރަން ޖެހިދާނެ ކަމަށެވެ. އަދި ބައެއް ފްލައިޓްތައް ފުރުން ކޮންމެވެސް ވަރަކަށް ލަސްވެސް ވެދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެ އެވެ.

މީގެ އިތުރުން "އިމުގާ" މެދުވެރިކޮށް ދުރާލާ ޗެކް-އިން ފޯމު ފުރުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެއާޕޯޓްތަކުން އެވްރެޖްކޮށް ދަތުރުކުރާ މީހުންގެ އަދަދު 2،500 އަށް އަރާފަ އެވެ.