އާމްދަނީ އިން ނަގާ ޓެކްސް ބަޔާން ހުށައަޅަން ޖެހޭ ސުންގަޑި މިރާ އިން ފަސްކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ބުނީ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި، ފައިސާ ދެއްކުމުގެ ސުންގަޑި އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. ކުރިން މިޓެކްސް ދެއްކުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ.

މީރާއިން ބުނީ ސުންގަޑި ފަސްކޮށްދީފައި ވަނީ މިހިނގާ ޖޫން މަހުގެ ފަހު ހަފުތާ އީދު ޗުއްޓީއާ ދިމާވާތީ، 2022 ވަނަ އަހަރަށް ހުށަހަޅަން ޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކޮށް ސުންގަޑިއަށް ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް ކަމަށެވެ.

އާމްދަނީން ނަގާ ޓެކްސްގެ ސުންގަޑިއަށް ބަދަލުގެނައި ނަމަވެސް އެހެން އެއްވެސް ޓެކްސްގެ ސުންގަޑިއަކަށް ބަދަލު ގެނެސްފައި ނުވާ ކަމަށް މީރާއިން ބުނެ އެވެ.

އެއްގޮތައް މޭ މަހުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން، އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން އަދި މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

މީރާއިން ބަލައިގަންނަ ޓެކްސްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް މީރާގެ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށް ދެއްކޭނެ އެވެ. އެހެންކަމުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަށް މި ޚިދުމަތް ވީހާ ވެސް ގިނަ ފަރާތްތަކުން ބޭނުން ކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.