ވިލާ ގްރޫޕުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވިލާ ގްރޫޕުން ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން މުޖުތަމައުގައި ލޭ ހަދިޔާ ކުރުމުގެ މިންވަރު ރަނގަޅު ކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ވިލާ ގްރޫޕުގެ ދަށުން ހިމެނޭ އެކި ކުންފުނިތައް ބައިވެރިކޮށްގެން ކޮންމެ މަހަކު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވެ އެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ލޭ މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމާއި، ސިއްހީ ނިޒާމު ކުރިއެރުވުމަށް ނުހަނު މުހިއްމު ކަމެކެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ލޭ ފޯރުކުރެވުމަކީ ރާއްޖެ ފަދަ ލޭގެ ޑިމާންޑު ބޮޑު ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. މެދުނުކެނޑި ލޭ ހަދިޔާކުރެވުމުގެ ސަބަބުން ބޭސްފަރުވާތަކާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އެކަށީގެންވާ ވަރަށް ލޭ ލިބިގެންދޭ،" ވިލާ ގްރޫޕުން ބުންޏެވެ.

ވިލާ ގްރޫޕުން ފެށި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގައި އެ ގްރޫޕުގެ މުވައްޒަފަކު ލޭ ހަދިޔާކުރަނީ. ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕުން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ދެނެގަނެ، ހީވާގިކަމާއެކު ބައިވެރިވުމަށް ހިތްވަރު ލިބި، ގިނަ އަދަދެއްގެ ފަރުދުންނަށް މިކަމުން މަންފާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.

މި ޕްރޮގްރާމް މިއަދު ފެށި އިރު ބޮޑު ތަރުހީބެއް ވަނީ ބައިވެރިންގެ ފަރާތުން ލިބިފައިވާ ކަމަށް ވިލާ ގްރޫޕުން ބުނެ އެވެ.

ވިލާ ގްރޫޕުން ފެށި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގައި އެ ގްރޫޕުގެ މުވައްޒަފަކު ލޭ ހަދިޔާކުރަނީ. ފޮޓޯ: ވިލާ ގްރޫޕް

"ފާހަގަ ކޮށްލެވޭ ގޮތެއްގައި މީގެ ތެރެއިން ގިނަ ބައިވެރިންނަކީ އަލަށް ލޭ ހަދިޔާ ކުރާ މުވައްޒަފުން. ވިލާ ގްރޫޕުގެ އުންމީދަކީ ކުރިއަށް އޮތް ލޭ ހަދިޔާކުރުމުގެ ހަރަކާތްތަކުގައި ވެސް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެ ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުން،" އެ ކުންފުނިން ބުނެ އެވެ.