ރޯޔަލް ކެރީބިއަން އަށް ނިސްބަތް ވާ ދުނިޔޭގެ އެންމެ ބޮޑު ކުރޫޒް ޝިޕް "އައިކަން އޮފް ދަ ސީ" އަންނަ އަހަރު ޖެނުއަރީ މަހު ދަތުރު ފެށުމުގެ ކުރިން ބާއްވާ ޓެސްޓް ދަތުރުތައް ޔޫރަޕްގައި ބާއްވައިފި އެވެ.

ބޯޓުގެ ދަތުރު ރަސްމީ ގޮތުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

ފިންލޭންޑުގެ ޝިޕްޔާޑެއްގައި ބަނދެފައިވާ މި ބޯޓުގެ ފުރަތަމަ ޓެސްޓް ދަތުރަށްފަހު އޭގެ އެކިއެކި ބައިތައް ޓެސްޓް ކުރުމަށްޓަކައި 450 މީހުންގެ މައްޗަށް އެކުލެވިގެންވާ ތަޖުރިބާކާރުންގެ ޓީމަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އެއަށްފަހު ޓެސްޓް ދަތުރުގެ ދެވަނަ ބުރެއް މިއަހަރު ފަހު ކޮޅު ބާއްވަން ވަނީ ރާވައިފަ އެވެ.

އައިކަން އޮފް ދަ ސީ: މިބޯޓުގައި 5610 ގެސްޓުންނާއި 2350 ކުރޫންގެ ޖާގަ ވޭ

ދުނިޔޭގައި މިހާތަނަށް ބަން އެންމެ ބޮޑު ކުރޫޒް ޝިޕް ކަމުގައިވާ އައިކަން އޮފް ދަ ސީ ގައި ޗުއްޓީ ހޭދަ ކުރާ ފަރާތްތަކަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭ ފަދަ އިންތިޒާމުތަކެއް ހަމަޖެހިފައިވެ އެވެ.

އޭގެ ތެރޭގައި ކަނޑުމަތީގައިވާ އެންމެ ބޮޑު ވޯޓަ ޕާކާއި ތީމު ޕާކާއި ބީޗް ފަދަ ތަންތަން ހިމެނެ އެވެ. މި ބޯޓުގައި ހިމެނޭ ވޯޓަ ޕާކްގައި 6 ސްލައިޑު ހިމެނޭއިރު އެންމެ ބޮޑު ސައިޒުގެ 6 ސްވިމިން ޕޫލް ވެސް ހިމެނެ އެވެ.

އަންނަ ފެބްރުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކުރޫޒް ލައިނުގެ ފުރަތަމަ ދަތުރުގެ ހުރިހާ ޓިކެޓެއް ވެސް މިހާރު ވަނީ ވިކިފަ އެވެ. ފުރަތަމަ ދަތުރު މަޔާމީ އިން ފަށާއިރު 7 ދުވަހުގެ ދިގު މިނުގެ އެ ދަތުރުގައި ކެރީބިއަންގެ ގިނަ ރަށްތަކަށް ޒޔާރަތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އައިކަން އޮފް ދަ ސީގައި 5،610 ޕަސިންޖަރުންގެ ޖާގަ ހުންނައިރު، ފަޅުވެރިންގެ ގޮތުގައި 2،350 މީހުން ހަރަކާތްތެރިވާނެ އެވެ.