މިދިޔަ އަހަރު 71،777 ވިސާ ދޫކުރިއިރު، ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ބިދޭސީންނަށް 64،235 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އެ އިދާރާއިން އާއްމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުމްލަ 64،235 ވޯކް ވިސާ ދޫކުރިއިރު މާލެ ސަރަޙައްދަށް 63،081 ވީޒާއާއި އަތޮޅުތެރޭގެ ރަށްރަށަށް 1،154 ވިސާ ދޫކޮށްފައިވެ އެވެ.

އިމިގްރޭޝަނުން މިދިޔަ އަހަރު 3،587 މީހަކަށް ބިޒްނަސް ވިސާ ވެސް ދޫކޮށްފައިވެ އެވެ. އަދި ސްޓޫޑެންޓް ވީޒާގެ ގޮތުގައި 648 ވިސާ ދޫކުރިއިރު، ޑިޕެންޑެންޓް ވިސާގެ ގޮތުގައި 1،909 ވިސާ ދޫކޮށްފައިވެ އެވެ.

މީގެ އިތުރުން ސްޕެޝަލް ވިސާގެ ގޮތުގައި މިދިޔަ އަހަރު 310 ވިސާ ވެސް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން އެހެނިހެން ބޭނުންތަކަށް އިމިގްރޭޝަންއިން 1،088 ވިސާ ދޫކޮށްފައިވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ވީޒާގެ ފައިސާ ދައްކަން ދަތިވެފައިވާ ފަރާތްތަކާއި ވިސާ ހެއްދުމަށް އުޒުރުވެރިވެފައިވާ ފަރާތްތަކުގެ ފީދެއްކުން ވަގުތީ ގޮތުން އިމިގްރޭޝަނުން ފަސްކޮށްދީފައިވެ އެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ގަވާއިދާއެއް ގޮތަށް ތިބި މީހުންގެ ތެރެއިން ވެސް ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން މިދިޔަ އަހަރު ފެށި އެވެ. އެގޮތުން މޯލްޑިވިއަނުން 50 ދަތުރުކޮށް، 9،633 މީހުން ބަންގްލަދޭޝްއަށް އުފުލާފައިވެ އެވެ.