އަގުބޮޑު އިނާމުތަކެއް ލިބޭ ގޮތަށް އެސްޓީއޯ އިން އިންތިޒާމްކުރާ ކުރެހުމުގެ މުބާރާތުގެ ސުންގަޑި އިތުރުކޮށްފި އެވެ.

އެސްޓީއޯ ވައިލްޑް ލައިފް ކޮންސަވޭޝަން ޑްރޮވިން ކޮމްޕެޓިޝަންގެ ނަމުގައި ކުރިއަށް ގެންދާ އެ މުބާރާތުގެ ސުންގަޑި ކުރިން ހަމަވާން އޮތީ މިމަހުގެ 18 ވަނަ ދުވަހަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ މިމަހުގެ 21 އަށް އިތުރުކޮށްފަ އެވެ.

މި މުބާރާތުގައި ކޮންމެ މީހަކަށް ވެސް ބޭނުން ވައްތަރެއްގެ އާޓް މީޑިއަމެއް ބޭނުންކޮށްގެން ކުރެހުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކުރެހުން ކުރަހަން ޖެހޭނީ ކަޅު ނުވަތަ ހުދު ކުލައިގެ ކެންވަސްއެއްގަ އެވެ. އަދި ކުރެހުން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމަށް ފަހު އެސްޓީއޯގެ އެކައުންޓާއެކު #DhivehiDhirumaaiSTO ހޭޝްޓެގް ބޭނުން ކުރަން ޖެހޭނެ އެވެ.

މިމަހުގެ ކުރީކޮޅު ލޯންޗްކުރި މުބާރާތް މުޅި އަހަރު ދުވަހަށް ކުރިއަށް ގެންދާނެ އެވެ. އަދި މި މުބާރާތުގައި މި މަސް ހާއްސަކޮށްފައި ވަނީ މާކަނާ އަށެވެ.

އެސްޓީއޯ އިން ބުނީ، މި މުބާރާތަށް ހުށަހަޅާ ކުރެހުން ވާން ޖެހޭނީ އެ މީހެއްގެ އަމިއްލަ ކުރެހުމަކަށް ކަމަށެވެ. އަދި ކޮންމެ އެކައުންޓަކުން ވެސް ކޮންމެ މަހަކު ހުށަހެޅޭނީ އެއް ކުރެހުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިގޮތަށް ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ކުރެހުމުގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ޕެނަލަކުން ކޮންމެ މަހަކު އެންމެ ފާހަގަކޮށްލެވޭ ތިން ކުރެހުމެއް ހޮވާނެ އެވެ. އަދި ވަނަ ވަނަ އަށް ހޮވޭ ކުރެހުންތަކަށް އަގުބޮޑެތި އިނާމުތަކެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފަ އެވެ.