ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީ އާއި ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ބޯޑަށް ބޭފުޅުން އައްޔަން ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އަދި ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމެޕެނީ އާއި ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ބޯޑަށް މެންބަރުން އައްޔަން ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

އެގޮތުންއައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރީ ސ. ފޭދޫ، ނޫކޮކާ ޝާތިފް އަލީ އެވެ.

ޝާތިފް ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީއިން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފަ އެވެ.

ޝާތިފް މީގެ ކުރިން އަދާކުރެއްވި މަގާމްތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަގާމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރކަމުގެ މަޤާމް ހިމެނެ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރެއްވުމާއި ހަމައަށް އޭނާ ހުންނެވީ ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

ކައްދޫ އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ކާނަލް އަހުމަދު ޝަރީފަށް ލިޔުން ހަވާލުކޮށްދެއްވަނީ

ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ. މަރަދޫ ފޭދޫ، ލަކްސަމީވިލާ، ކާނަލް އަހުމަދު ޝަރީފު އެވެ.

ކާނަލް ޝަރީފް ވަނީ އެމެރިކާގެ މެރިން ކޯ ޔުނިވާސިޓީން މާސްޓާސް އޮފް މިލިޓަރީ ސައިންސަސް ހާސިލުކޮށްފަ އެވެ. އަދި އޭނާ މީގެ ކުރިން އަދާކުރައްވާފައިވާ މަގާމުގެ ތެރޭގައި އެންމއެންޑީއެފްގެ އެކި މަގާމުތައް ހިމެނެ އެވެ.