މުވައްޒަފުންގެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މެލޭޝިއާގެ "ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލޭޖް" (އެންއެމްޔޫސީ)އާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އެންއެމްޔޫސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ އެގްޒެކުޓިވް ޗެއާމަން ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޮބް އެވެ.

އެމްޕީއެލްއިން ބުނީ މި އެމްއޯޔޫގެ ދަށުން ޕޯޓާ ގުޅުންހުރި އެކި ދާއިރާތަކުން އެމްޕީއެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން، މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު ލިބޭނެ ކަމަށެވެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އެމްޕީއެލްގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ. އަދި ދެ ފަރާތުން ލިބިގެން، މީހުން ބިނާކުރުމާއި ތައުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މި އެމްއޯޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމް.ޕީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

"ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް މިއީ،" ޝާހިދު ވިދާޅުވި އެވެ.

އެންއެމްޔޫސީގެ ޗެއާމަން ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއަދަކީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށާއި މި އެމްއޯޔޫގެ ދަށުން އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުލީމުގެ އިތުރުން، މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށެވެ.

"މެލޭޝިއާގައި އެބަހުރި ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް. ޕޯޓްގެ ދާއިރާގައި އަޅުގަނޑުމެންނަށް ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ދެ ފަރާތުން ގުޅިގެން، ދެ ފަރާތަށްވެސް ފައިދާކުރާނެ މަސައްކަތްތަކެއް ކުރުން،" ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވި އެވެ.

ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލޭޖް (އެންއެމްޔޫސީ) އަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތައުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވަރސިޓީއެކެވެ. މި ޔުނިވާސިޓީގެ މައި ކެމްޕަސް ހުންނަނީ މެލޭޝިއާގެ ޖޮހޯރުގަ އެވެ.