ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކޮށްފި އެވެ.

ބީއެމްއެލްއިން މިޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވަނީ މިލަންދޫގެ ޖަމިއްޔާއެއް ކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުންނެވެ.

މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތަރައްގީކުރި މި ރީޑިން ޕާކުގެ މަގުސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިލަންދޫ ސްޕޯޓްސް ކްލަބްގެ ނައިބު ރައީސް އަހުމަދު ސަމީހު ވިދާޅުވީ ރީޑިން ޕާކުގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި، ފޮތް ކިއުމުގެ މުހިންމުކަން ދަސްވުން. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި މި ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކާ ޝުކުރު ދަންނަވަން،" ސަމީހު ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަށް މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ހޮވާފަ އެވެ. ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓެއް ހިންގަން ފައިސާގެ އެހީ ދީފައިވެ އެވެ.