ރާއްޖެ އަންނަ ޓޫރިސްޓުން މިއަދު ފެށިގެން ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖެއްސި ނަމަވެސް ދިވެހިން އިސްތިސްނާވާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑް ޓެސްޓް ނަތީޖާ ހުށަހެޅުމުން އިސްތިސްނާވާނީ ދިވެހިންނާއި ވޯކް ވިސާ އޮވެގެން ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންނާއި ރެސިޑެންޓް ޕާމިޓް އޮންނަ މީހުން އަދި ފްލައިޓް ކްރޫން އެކަނި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުގެ މިހާތަނަށް ރާއްޖެ އައި ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ނެގެޓިވް ކަމުގެ ލިޔުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ކޮވިޑަށް ނެގެޓިވް ބައެއްކަން ޔަގީން ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިސްޓުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހޭނީ މޯލްޑިވްސް އިމިގްރޭޝަންގެ "އިމުގަ" ޕޯޓަލް މެދުވެރިކޮށެވެ. މި ޓެސްޓު ހަދަން ޖެހެނީ ރާއްޖެ އަންނަން ފުރުމުގެ 72 ގަޑިއިރުގެ ތެރޭގަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވާލިފަހުން އަންގާރަ ދުވަހާ ހަމަޔަށް ރާއްޖެ އައީ 11،629 ޓޫރިސްޓުންނެވެ.