ސަރުކާރުން ސަރަހައްދީ އެއާޕޯޓުތައް ހިންގަން ހެދި ރީޖަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރަކަށް އައިލެންޑް އޭވިއޭޝަންގެ ކުރީ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ރިޒްވީ ހަމަޖައްސައި، އެ ކުންފުނީގެ ބޯޑު އެކުލަވާލައްވައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ އުފެއްދެވި ރީޖަނަލް އެއާޕޯޓް ކޮމްޕެނީގެ ޗެއާމަންއަކަށް ހަމަޖައްސާފައިވަނީ އަބްދުއްލަތީފް ގާސިމް އެވެ. ބޯޑުގައި ދެން ތިއްބަވަނީ މުހައްމަދު ފިރުޒުލް އާއި މީޑިއާ ކައުންސިލްގެ ބޯޑު މެމްބަރު މުހައްމަދު ޝަފާއު އާއި ހުސައިން ޝާމިން އަދި އަބްދުﷲ ވަހީދު އެވެ.

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަކީ ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުންޏަކީ ސަރުކާރުން ހިންގާ ސަރަޙައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމުގެ ނަމުގައި އުފެއްދެވި ކުންފުންޏެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 17 އެއާޕޯޓް އެބަ ހިންގަ އެވެ. މީގެ ތެރޭގައި ހަތަރު އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހިމެނެ އެވެ. އަދި ރީޖަނަލް އެއާޕޯޓްސްއިން ހަތް އެއަޕޯޓެއް ހިންގަ އެވެ.