ޕޯޓް ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލް އިން ތައާރަފްކުރި ކޮމިޔުނިޓީ ފަންޑުގެ ފުރަތަމަ ބުރަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ މުއްދަތު މިދިޔަ މެއި މަހުގެ ނިޔަލަށް ހަމަވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 49 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެތެއިން އިބެލުއޭޝަނަށް ޝަރުތު ހަމަވީ 31 އެޕްލިކޭޝަނެވެ.

އެ ކުންފުނިން ބުނީ އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައި ވަނީ އެންޖީއޯތަކުން ކަމަށެވެ. ސްކޫލްތަކުން 13 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ކައުންސިލްތަކުން ވަނީ ފަސް އެޕްލިކޭޝަނެއް ހުށަހަޅާފަ އެވެ. އަދި އަމިއްލަ ފަރާތްތަކުން ވަނީ ހަތަރު އެޕްލިކޭޝަނެއް ހުށަހަޅާފަ އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ އެޕްލިކޭޝަންތައް ރިވިއު ކުރުމުގެ މަސައްކަތެވެ. ރިވިއުކުރުމުގައި ދެ މަރުހަލާއެއް ހިމެނޭއިރު، މިހާރު ކުރިއަށްދަނީ ފުރަތަމަ މަރުހަލާ އެވެ.

ޕޯޓް ކޮމިޔުނިޓީ ފަންޑަށް ހުށަހަޅާ އެޕްލިކޭޝަންތަކަށް ޕޮއިންޓް ދިނުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓްތަކަކަށް އިސްކަންދޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެގޮތުން އދ. ގެ ލަނޑުދަގޑިތަކާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ އެވެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓަކަށް 20 ޕަސެންޓް އަދި ޕްރޮޖެކްޓް ޕްލޭނާއި ތަންފީޒު ކުރުމަށް 30 ޕަސެންޓް ދޭނެ އެވެ. އަދި ޕްރޮޕޯސަލްގެ ޕްރޮފައިލަށް 10 ޕަސެންޓް ދޭނެ އެވެ.

މި އަހަރުގެ ކޮމިޔުނިޓީ ފަންޑަށް 600،00 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރުގެ 10 މަޝްރޫއަށް ފަންޑިން ދޭނެ އެވެ. އެގޮތުން 50،000 ރުފިޔާގެ އަށް މަޝްރޫ އާއި 100،00 ރުފިޔާގެ ދެ މަޝްރޫއު ހިމެނެ އެވެ.