މަރުކަޒީ ބޭންކު) އެމްއެމްއޭ(އިން ގާއިމުކުރާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގައި ތިން ބޭންކަކުން ބައިވެރިވެއްޖެ އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިޕީއެސްގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ބޭންކަކާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އައިޕީއެސްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.

އިންސްޓެންޓް ޕޭމެންޓް ސިސްޓަމްގައި ބައިވެރިވުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްއެމްއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ސީއީއޯ މުފައްދަލް އިދްރީސް ކުމްރީ އެވެ. އަދި އެސްބީއައީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝްރީ ޕްރަބޯދް ޕަރިހް އެވެ.

އިންސްޓެންޓް ޕޭމެންޓް ސިސްޓަމްގައި ބައިވެރިވުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ގަވަރުނަރު އަލީ ހާސިމް ވާހަކަފުޅު ދައްކަވަނީ

މިއަދު ސޮއިކުރި އެއްބަސްވުމަކީ، އައިޕީއެސްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްގުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

އެމްއެމްއޭއިން ބުނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އައިޕީއެސްގެ ޕައިލެޓް ޓެސްޓިންގެ މަސައްކަތް ފަށާނެ ކަމަށެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަރުމާކޮށްފައި ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއި ރައްކާތެރިކަމާ އެކު މާލީ މުއާމަލާތްތައް ވަގުތުން ކުރެވޭނޭ ގޮތަށެވެ.