އެމްއައިޓީޑީސީ ގެ ފަރާތުން އަހަރަކު އެއްފަހަރު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދެވޭ އިންޓަނޭޝަނަލް ޔޮޓްރެލީ "ސަވާދީއްތަ ދަތުރު" ގެ ތިން ވަނަ އެޑިޝަންގެ ރަށްތައް އިއުލާނުކޮށްފި އެވެ.

އެމްއައިޓީޑީސީއިން ބުނީ 2022 ވަނަ އަހަރުން ފެށިގެން މިދަތުރު އަންނަނީ ކާމިޔާބުކަމާއެކު ބާއްވަމުންނެވެ. އެގޮތުން ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަންގައި ހަތް ޔޮޓެއްބައިވެރިވިއިރު، ދެވަނަ އެޑިޝަން ގައި 14 ޔޮޓެއް ވަނީ ބައިވެރިވެފަ އެވެ.

"ސަވާދީއްތަ ދަތުރު" ގެ ތިން ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 އިން 29 އަށެވެ. އަންނަ އަހަރު ބާއްވާ ސަވާދީއްތަ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ކުޑަގިރި، ވ. ފުލިދޫ، މ. މުލި، ލ. ގަން، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ގދ. ހޯނޑެއްދޫ، ސ. ހިތަދޫ އަދި ސ. ގަން އެވެ.

"ސަވާދީއްތަ ދަތުރު 2024" ތިންވަނަ އެޑިޝަން ނިންމާލުމުގެ ރަސްމިއްޔާތުގެ ގާލާނައިޓް ބޭއްވުމަށް ގަސްސްދުކޮށްފައި ވަނީ އައްޑޫގަ އެވެ.

"ސަވާދީއްތަ ދަތުރު 2024" އެންޑޯޒްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް؛ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް، އެމްއެމްޕީއާރުސީ، މަޓީ އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން ހިމެނެ އެވެ.

މީގެ އިތުރުން ޓޫރިޒަމްގެ އިލްމީ ދިރާސާތައްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއްކަމުގައިވާ "އިންޓަނޭޝަނަލް ޓޫރިޒަމް ސްޓަޑީސް އެސޯސިއޭޝަން" ގެ ފަރާތުން ވަނީ 2024 ވަނަ އަހަރުގެ ޔޮޓްރެލީ އެންޑޯޒްކޮށްފަ އެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ޓުވަރިޒަމް އިންޑަސްޓްރީގެ އިތުރުން ބައިނަލްއަގްވާމީ ސެއިލް ކޮމިޔުނިޓީ ބަލައިގަނެފައިވާ އިވެންޓެކެވެ. އަދި ހަމައެހެންމެ މި އިވެންޓަކީ ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހާއި، ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް، މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެ އާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެކެވެ. ސަވާދީއްތަ ދަތުރުގެ އެންމެ ބޮޑު އެއް މަގްސަދަކީވެސް، ދިވެހިންގެ ގަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް، މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

2022 އަދި 2023 ވަނަ އަހަރު ބޭއްވުނު ސަވާދީއްތަ ދަތުރުތަކުގެ ނަތީޖާ އާއި ބައިވެރިންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި މަޝްވަރާތަކުގެ އަލީގައި، 2024 ވަނަ އަހަރު ބޭއްވުމަށް ކަނޑައެޅިފައިވާ "ސަވާދީއްތަ ދަތުރު 3" އަށް މިވަނީ ގިނަ ބަދަލުތަކެއް ގެނެވިފަ އެވެ. އަދި މިފަހަރުގެ ދަތުރަކީ، ފުރަތަމަ ފަހަރަށް އީކުއޭޓާ ހުރަސް ކުރުމާއި އަދި ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރާ ރެލީއަށް ވެގެންދާނެ އެވެ.