މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީގެ ފައިސާ ކެންސަރު ސޮސައިޓީއަށް ހަވާލުކޮށް ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބު ޝުޖާއު އެވެ. ކެންސަރު ސޮސައިޓީން އެހީއާ ހަވާލުވެ ވަޑައިގަތީ އެ ސޮސައިޓީގެ ޓްރެޝަރާ ނީނާ މަންސޫރެވެ.

އެމްއޭސީއެލުން ބުނީ މި އެހީއަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ދިން އެހީއެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއަށް އެމްއޭސީއެލް އިން ވެދިން މާލީ އެހީއަކީ ހޭލުންތެރިކުރުމާއި، ސްކްރީނިން ފޯރުކޮށްދިނުމާއި، ކެންސަރާ ގުޅުންހުރި ޑޭޓާގެ ޖުމްލަ މެނޭޖްމަންޓް ރަނގަޅުކުރުމުގައި އެ ސޮސައިޓީން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީއެއް ކަމަށް ކެންސަރު ސޮސައިޓީން ބުނެ އެވެ.

އެ ސޮސައިޓީން މިހާތަނަށް 20،900 އަށް ވުރެ ގިނަ މީހުނަށް ކެންސަރުގެ އެކި ބަލިތަކަށް ސްކްރީން ކޮށްފައިވެ އެވެ.