މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ދައުވާ ނުކުރެވުނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އިހުމާލުންކަން އެނގިއްޖެ އެވެ.

މައުލޫމާތު އެނގޭ ބޭފުޅަކު "ހުރިހާ" އަށް ވިދާޅުވިގޮތުގައި ޓެރަރިޒަމްގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ގާނޫނުގައި ކަނޑައަޅައިވާ މުއްދަތު ހަމަވުމުގެ މާ ކުރިން ފުލުހުން ވަނީ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފަ އެވެ. ނަމަވެސް ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ޕީޖީ އޮފީހުން އެ މައްސަލާގައި ދައުވާ ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން މާ ކުރިން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި. ނުނިދާ ހޭލާ ތިބެގެން ވަރަށް ބުރަ މަސައްކަތްކޮށްގެން ކާމިޔާބުކަމާ އެކު އެ މައްސަލައިގެ ތަހުގީގު ނިންމާލީ. އެކަމަކު ޕީޖީ އޮފީހަކަށް މުއްދަތު ހަމަވިއިރުވެސް ދައުވާއެއް ނުކުރެވުނު،" އެ ބޭފުޅާ ވިދާޅުވި އެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިފައިވާ ދުވަސްވަރަކީ ކޮވިޑްގެ ކޭހެއް ރާއްޖެއިން ފުރަތަމަ ފަހަރަށް ފެނިގެން މުޅި ރާއްޖެ ލޮކްޑައުން ކުރި ދުވަސްވަރެވެ.

"ހުރިހާ" އަށް މައުލޫމާތު ހިއްސާކުރި ބޭފުޅާ ވިދާޅުވީ މުޅި ރާއްޖެ ލޮކްޑައުން ކުރުމަކީ އެފަދަ މައްސަލަތައް ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނަމަ އެއީ ވަރަށް ބޮޑު "ޖޯކެއް" ކަމަށެވެ. އެކަން އެގޮތަށް ދިމާވީ ޕީޖީ އޮފީހުން ފަރުވާކުޑަކޮށް، އިހްމާލުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑަށް ގާނޫނު އެނގިވަޑައިގަންނަވާނީ ޕީޖީ އޮފީހުގެ ބޭފުޅުންނަށް. އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މުއްދަތު ހަމަވާ ފަހުން ދައުވާ ނުކުރެވިއްޖެއްޔާ އެ މައްސަލަ ދެން އެ ދިޔައީކަން. އަނެއްކާ މިއީ އާދައިގެ މައްސަލައެއް ނޫން. މުޅި ގައުމުގެ ސަލާމަތާ ގުޅިފައިވާ މައްސަލައެއް. މިއީ ވަރަށް ހިތާމަހުރި ކަމެއް،" އެކަން ދެނެވަޑައިގަންނަވާ ބޭފުޅާ ވިދާޅުވި އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަށް ފުލުހުން ހޯދާފައި ވަނީ ވަރަށް ބުރަ މަސައްކަތުންނެވެ.

ތަހުގީގުން އެނގުނު ގޮތުގައި ޓޫރިސްޓުންތަކަކަށް ހަމަލާދީފައި ވަނީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބައެކެވެ. އަދި އެކަން ކުރި މީހުންނަކީ ވަރަށް ނުރައްކާތެރި ބައެއްކަން ވެސް ފުލުހުންގެ ތަހުގީގުން ހާމަވި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް ބަލަން ފެށި އެވެ. ނަމަވެސް ވަކި ހިސާބަކުން މައްސަލައަށް ވީ ގޮތެއް ނޭގެ އެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެކުރިން ވާހަކަ ދައްކަވާފައިވީ ނަމަވެސް ދައުވާ ނުކުރެވުނު ސަބަބެއް އެ ދެ ބޭފުޅުން ވިދާޅެއް ނުވި އެވެ.

"ހޯމް މިނިސްޓަރު އިމްރާނަށްވެސް އަދި ސީޕީ ހަމީދަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޕީޖީގެ ސަބަބުންކަން މި މައްސަލަ ފްލޮޕްވެގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރަކު ގޯސްކޮށް ކަމެއް ކޮށްފިނަމަ ޕީޖީ ޝަމީމަކީ ޓުވިޓާގައި ވަރަށް ބޮޑަށް އެ ކަމަކަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް އަމިއްލަފުޅަށް ބޮޑު ގޯހެއް ހެދުނީމަ ކުށް ގަބޫލުކޮށް މައާފަށް އެދެން ވެސް ޕީޖީ ޝަމީމަށް ކެރިވަޑައެއް ނުގަތެވެ.