ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ކ.އަތޮޅުން ބޮޑު ފަޅެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މަތިވެރި ފިނޮޅު ސަރުކާރުގެ ބޭނުމަށް ނަގަންޖެހޭކަމަށް ބުނެ ސަރުކާރުންވަނީ އެތަނުގެ ބަދަލުގައި ކ.އަތޮޅުގެ ޕްރައިމް ލޮކޭޝަނެއްގައި އޮތް ފަޅެއް ޖާބިރަށް ދޫކޮށްފަ އެވެ. ޖާބިރަށް ދޫކޮށްފައިވަނީ ގާފަރު ކައިރީގައި އޮންނަ ފަޅެކެވެ. އަދި އެފަޅު ޖާބިރަށް ދޫކޮށްފައިވަނީ އިތުރު ފީއެއް ދަޢުލަތަށް ދައްކަން ނުޖެހޭ ގޮތަށެވެ.

މަތިވެރި ފިނޮޅަކީ އއ.މަތިވެރީ ފަޅު ތެރޭގައި އޮންނަ ހަނިހަނި ކުޑަ ފިނޮޅެކެވެ. އެފިނޮޅު މަތިވެރި ކައުންސިލުންގެ އިހްތިޞާޞްގެ ތެރޭގައި ހިމަނައި ދިނުމަށް މަތިވެރި ކައުންސިލުން ވަނީ ސަރުކާރުގައި އެދިފަ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ޖާބިރު ދާދިފަހުންވަނީ ވެރިކަންކުރާ އެމްޑީޕީއަށް ސޮއި ކުރަށްވާފަ އެވެ.

އެގޮތުން އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޖާބިރު ވިދާޅުވީ ޖާނާ މާލު ހުސްކޮށްލައިގެން ނަމަވެސް ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޖާބިރަކީ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އާއި އެހެނިހެން ގިނަ އަދަދެއްގެ ފައިސާ ނުދައްކަވާ ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ.