ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިއުމަށް އެއާޕޯޓްގައި މިއަދު ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ރަޝިއާގެ ރައްޔިތެއް ކަމަށްވާ އެންޓޮން ޕަވްލޯ އެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު އެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ އޮގަސްޓް 12 ވަނަ ދުވަހު އެވެ.

ސަރުކާރުން އަންދާޒާކޮށްފައިވަނީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. 2022 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ ގަދަ 3 ވަނައިގައި އުޅެނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.