ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަފުސީލެއް ނުދީ ފޮޓޯތަކަކާއެކު ކުރި ޓުވީޓެއް ވަނީ، އެ އެއާޕޯޓުގައި ހިންގާ އިންފްރާސްޓްރަކްޗާ ޕްރޮޖެޓްތައް ރައީސް ސޯލިހު ބައްލަވާލައްވައިފި ކަމަށެވެ.

އެ ފޮޓޯތަކުގައި ރައީސް ސޯލިހު އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލާއި އާ ފިއުލް ފާމްގެ މަސައްކަތް ހިނގާ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލެއްވި އެވެ. ރައީސާއެކު އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަޑައިގެންނެވި އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ކޮންޓްރޯލާ ޖެނެރަލް އަބްދުﷲ ޝަރީފާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) ވެސް ބައިވެރިވެޑައިގެންނެވި އެވެ.

ރައީސް ސޯލިހު ވެލާނާ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް މިއަދު ބައްލަވާލައްވަނީ. ފޮޓޯ: ކަސްޓަމްސް

ރައީސް އެއާޕޯޓަށް ވަޑައިގެން ޕެސެންޖާ ޓާމިނަލްގެ ކަސްޓަމްސް ކޮންޓްރޯލް އޭރިއާ ވެސް ބައްލަވާލެއްވި ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. މީގެ އިތުރުން ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ބައްލަވާލެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެލާނާ އެއާޕޯޓުގައި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލަކާއި އާ ސީއައިޕީ ޓާމިނަލަކާއި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލަކާއި ކޯޑް އެފް ރަންވޭ އެއް ވެސް ވަނީ ހަދައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ތަނެއް ބޭނުންކުރަން އަދި ނުފަށަ އެވެ.