ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްޤީ ކުރަމުންދާ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިކަމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އާބަންކޯއިން މަސައްކަތް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

އާބަންކޯއިން ބުނީ 2017 ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަޝްރޫއު ނިމިފައިވަނީ 91 އިންސައްތަ ކަމަށެވެ.

މިމަޝްރޫއުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ޑިވެލޮޕަރު ބަދަލުކޮށް އައު ޑިވެލޮޕަރެއް ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާނެތީ، މި ކޯޕަރޭޝަނުން އެ ކުންފުންޏާ ފްލެޓްތައް ގަނެފައިވާ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކްތައް ކުރިއަށް ގެންގޮސް ވީހާ ވެސް އަވަހަކަށް ނިންމުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

މި ކޯޕަރޭޝާންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާ ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައް ވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުންކަން ފާހަގަކުރަމެވެ.

ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި ފްލެޓް އެޅުމަށް ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ފަސް އަހަރު ވެގެންދިޔައިރުވެސް އެފްލެޓް ނިމޭ ގޮތެއް އަދިވެސް ނުވެ އެވެ. އެ ތަނުން 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެކެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި މުއްދަތުތައް ދިނެވެ. އެންމެ ފަހުން ބުނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި ބައެއް އެޕާޓްމަންޓުތައް ހަވާލުކުރާނެ ކަމަށެވެ.

ދަ ގާޑަންސްގެ މަސައްކަތް ލަސްވާތީ އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެމައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.