ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވ. ތިނަދޫގެ އާ އިންޖީނުގެ ރަސްމީކޮށް ހުޅުއްވާދެއްވައިފި އެވެ.

ތިނަދޫ އާ އިންޖީނުގެއަކީ، ތިނަދޫގައި ކުރިން ކަރަންޓުގެ ހިދުމަތްދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އިންޖީނުގެ ދުމާއި، އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި، އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް އަދި ފަތުރުވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިއުމާ ގުޅިގެން، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅާފައިވާ އިންޖީނުގެއެކެވެ.

ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ އެވެ.

އެ ކުންފުނިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެކެވެ. އެހެން ނަމަވެސް، މިއަދު އަލަށް ރަސްމީކޮށް ހުޅުވުނު އިންޖީނުގެ ހުޅުވުމާއި ހަމަޔަށްވެސް، ބައު އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް މިކުންފުނިން ވާނީ ފޯރުކޮށްދީފައެވެ.

ބާ އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް، ތިނަދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެވަޑައިގެންނެވި، ވައުދާ އެއްގޮތަށް މިއަދު ތިނަދޫގައި ރަސްމީކޮށް، ހުޅުވި އިންޖީނުގެއަކީ އެންމެ ޒަމާނީ، އަޑުމަޑު އިންޖީނުގެ އެކެވެ.

ތިނަދޫގެ އާ އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ.

މީގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އައު އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.