ފްރާންސްއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވޯގް މެގަޒިނާ ގުޅިގެން ހާއްސަ ކެމްޕޭނެއް އެމްއެމްޕީއާރުސީން ކުރިއަށް ގެންގޮސްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެންޕޭން ކުރިޔަށް ގެންދިޔައީ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މި ކެމްޕެއިންގެ މަގްސަދަކީ ފްރާންސް ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް ހަރުދަނާކޮށް މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ވޯގް ފްރާންސްއަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި 90 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މެގަޒިންއެކެވެ. އެމްއެމްޕީއާރުސީން ބުނީ މި ކެންޕެއިންގެ ސަބަބުން ފްރެންޗް މާކެޓުގެ އިތުރުން އެހެނިހެން ފަރަންސޭސިވިލާތުގެ ދަތުރުވެރިންނަށް ވެސް ރާއްޖެއާއި ގުޅޭ މައުލޫމާތު ލިބި ރާއްޖެ އިޝްތިހާރުވާނެ ކަމަށެވެ.

ވޯގްއަކީ އެކި ފަންތީގެ ކިޔުންތެރިންނަށް އެންމެ ރަނގަޅު އައު އުފެއްދުންތަކާއި ހިދުމަތްތަކާއި ބެހޭގޮތުން ހަބަރުތައް ފޯރުކޮށްދޭ އެންމެ މަޝްހޫރު އެއް މަޖައްލާއެކެވެ. ވޯގްގެ ޓާގެޓް އޯޑިއެންސްގެ %46 އަކީ މަތީ ފަންތީގެ ފަތުރުވެރިންނެވެ. އަދި ޑިޖިޓަލް އޯޑިއެންސް މަހަކު 8.9 މިލިއަން މީހުންނަށް ފޯރަ އެވެ.

މިކެމްޕެއިންގެ ތެރެއިން ޕްރިންޓް މެގަޒިންގެ އެޕްރީލް މަހު ނެރުނު އަދަދުގެ ބޭރުގަނޑުގައި ރާއްޖެ ވަނީ އިސްތިހާރުކޮށްފަ އެވެ. އަދި އެޕްރީލް އަދަދުގެ ފޮޓޯ އިންސްޓަގްރާމް އަދި ފޭސްބުކްގައި ހިއްސާ ކުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަކުގެ ތެރެއިން އާއިލާ އަދި ލަގްޒަރީ ސެގްމެންޓު ވަރަށް ބޮޑަށް ވަނީ ޕްރޮމޯޓު ކޮށްފަ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި އަދަދު 300،000 އަށް ވުރެ ގިނަ މީހުންނާއި ހިސާބަށް ފޯރާފައިވާ ކަމަށް ޔަޤީން ކުރެވިފައިވާ ކަމަށެވެ.

ފްރާންސް މާކެޓުގައި ކުރެވުނު ކެމްޕެއިނަށް ފަހު ޖުލައި 03 ވަނަ ދުވަހާއި ހަމައަށް، ބަލާއިރު ފްރާންސް އަކީ މިހާރު ރާއްޖޭއަށް ފަތުރުވެރިން އަންނަ ގަދަ 10 މާކެޓުގެ ތެރެއިން 8 ވަނައިގެ ހިމެނޭ މާކެޓެވެ. އެގޮތުން އަހަރުގެ މިހާތަނަށް 30،770 ފަތުރުވެރިން މި މާކެޓުން އައިސްފައިވާ ތަފާސްހިސާބުތަކާއި ހަވާލާދީ އެމްއެމްޕީއާރްސީން ބުނެ އެވެ. އަދި މިހާރު އުއްމީދަކީ ކުރިއަށް ހުރި ދުވަސްތަކުގައި އަދަދު އެއްވަރެއްގައި އިތުރުވެގެން ދިއުމެވެ.