މަޝްހޫރު އެންކްރިޕްޓެޑް މެސެޖިން ޕްލެޓްފޯމް ސިގްނަލް ޑައުންވެއްޖެ އެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސިގްނަލް އެޕް ބޭނުންކުރާ މީހުން ވަނީ މެސެޖް ފޮނުވުމުގައި ދަތިތަށް ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ. ހުކުރު ދުވަހުން ފެށިގެން މެސެޖް ފޮނުވުމުގެ މައްސަލަތައް ދިމާވާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.

ސިގްނަލްގެ ސީއޯއޯ އަރުނާ ހާޑާ ވަނީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ހާމަކޮށް މެސެޖެއް ފޮނުވާފަ އެވެ.

އޭނާ ފޮނުވި މެސެޖްގައި އަލަށް ސިގްނަލާ ގުޅޭ މެމްބަރުން ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ކުންފުނީގެ ސާވާތައް އިތުރުކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އިތުރުވާ މެމްބަރުންނަށް ރަނގަޅަށް ހިދުމަތް ދިނުމަށް ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް މިހާރު ވެސް ގިނަ ކަންތައްތަކެއް ކުރެވެމުންދާ ކަމަށް އަރުނާ ވިދާޅުވި އެވެ. އަދި ކުންފުނީގެ ޓީމުތައް އެކަމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޝްހޫރު މެސެޖިން އެޕް ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީއަށް ގެނައި ބަދަލަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ވަޓްސްއެޕް ދޫކޮށް ސިގްނަލް އަދި ޓެލެގްރާމް ފަދަ އެހެން އެޕްތަކަށް ބަދަލުވާން ފަށާފަ އެވެ.

ވަޓްސްއެޕް އިން ދާދިފަހުން ފޮނުވި ސޮފްޓްވެއާ އަޕްޑޭޓްގައި ޓާމްސް އެންޑް ކޮންޑިޝަންއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުގެ ތެރޭގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫތާއި ފޯނު ނަންބަރު އަދި ލޮކޭޝަން ވަޓްސްއެޕްގެ ޕޭރެންޓް ކުންފުނި ފޭސްބުކްއަށް ހިއްސާކުރުމާމެދު އިއުތިރާޒެއް ނެތް ކަމަށް ޔޫސަރުން އެއްބަސްވާން ޖެހެ އެވެ. މިކަމަށް އެއްބަސް ނުވެއްޖެ ނަމަ އެ މީހެއްގެ އެކައުންޓް ޑިލީޓްކުރެވޭނެ އެވެ.

ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އެލެން މަސްކް ވެސް ވަނީ ވަޓްސްއެޕް ދޫކޮށް ސިގްނަލް އަށްބަދަލުވުމަށް ޓްވީޓް ކޮށްފަ އެވެ. މިއާއެކު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ސިގްނަލް އެޕް ބޭނުންކުރާ މީހުން ގިނަ ކުޑަވަގުތުކޮޅަކަށް އެޕް ޑައުންވި އެވެ.

ސިގްނަލްގެ ޑޭޓާތަކުން ދައްކާ ގޮތުން ފާއިތުވި 7 ދުވަސް ތެރޭގައި 17.8 މިލިއަން މީހުންވަނީ މިއެޕް ޑައުންލޯޑް ކޮށްފަ އެވެ. ސިގްނަލްގެ ސީއޯއޯ ވިދާޅުވިގޮތުގައި މިކަމުން ދައްކައިދެނީ ގިނަ ބަޔަކު އެމީހުންގެ ޕްރައިވެސީއަށް އަހައްމިއްޔަތުކަން ދޭ މިންވަރުކަމަށެވެ. - ދި އިންޑިޕެންޑެންޓް