އެމްއެމްއޭގެ އޮފީސް އިމާރާތް ހިންގުމަށް 211 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.

އެމްއެމްއޭއަށް ގަނެފައިވަނީ 43400 އަކަފޫޓުގެ ބިމެކެވެ. އެމުއާމަލާތާއި ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން އެމްއެމްއޭއަށް އެބިން ގަނެފައި ވަނީ އަކަފޫޓަކަށް 4،860ރ. ރޭޓުގަ އެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަނެފައިވަނީ ދައުލަތުގެ ހަޒާނާގެ ރައްކާކުރުމަށާއި އެ އޮތޯރިޓީއަށް ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމު ކުރުމަށް ޖާގަ ތަނަވަސް ތަނެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ހުންނަ އެމްއެމްއޭ އިމާރާތް ހުންނަ ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެއްކަމުން ސެކިއުރިޓީ އިންތިޒާމް ކުރުމަށް ދަތިވާ ކަމަށެވެ.

އެމްއެމްއޭއަށް ހުޅުމަލެއިން ގަތް ބިމަކީ ހުޅުމާލެ ފޭސް 1 ކުން ފެރީޓަމިނަލް ކައިރީގައި އޮންނަ ބިމެކެވެ. މިހާރު ކުރިއަށްދަނީ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތްތަކެވެ.