ގައުމީ އެއާލައިން މޯލްޑިވިއަން އިން ނ.މާފަރާއި ޅ.މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ މާފަރާއި މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރީ ޑިމާންޑް ބޮޑުވުމުން ކަމަށެވެ.

މޯލްޑިވިއަނުން މިމަންޒިލްތަކަށް ކުރާ ދަތުރުތައް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އިތުރުކުރާއިރު، މާލެއިން ސީދާ މާފަރަށް އަދި މާފަރުން މާލެއަށް އާދެވޭގޮތަށް ޑައިރެކްޓްކޮށް ކޮންމެ ދުވަހަކުވެސް ދަތުރުކުރާނެ އެވެ. އަދި މާލެއިން މަޑިވަރަށް، އަދި މަޑިވަރުން މާފަރަށްގޮސް މާލެ އާދެވޭގޮތަށްވެސް ދަތުރުތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މިހާރު މޯލްޑިވިއަންއިން މި ދެ މަންޒިލަށްވެސް ކުރަނީ ދުވާލަކު އެއް ދަތުރެވެ.

މޯލްޑިވިއަނުން އަބަދުވެސް ޑިމާންޑަށް ބެލުމަށްފަހު މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވަ އެވެ. އެގޮތުން އީދާއި އަދި ޗުއްޓީ ބަންދާއި ދިމާކޮށްވެސް މޯލްޑިވިއަނުން ވަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވާފަ އެވެ.

މޯލްޑިވިއަނުން ބުނީ މިހާރުވެސް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާކަމަށެވެ. އެހެންކަމުން ޑިމާންޑް އިތުރުވަމުންދާ މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވަމުންދާކަމަށެވެ.