އޮންލައިން ވިޔަފާރި އިތުރުވެ ރާއްޖެއަށް ކުރިއާ ސާވިސް މެދުވެރިކޮށް ގެންނަ މުދާ އިތުރުވެފައިވާއިރު އެހިދުމަތް ދިނުމަށް ވަކި ޓާމިނަލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"ގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފް ވިދާޅުވީ ޖެނަރަލް ކާގޯއަށް ވުރެން ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދާ އިތުރުވެފައިވާ ކަމަށެވެ.

އެއާ ކާގޯގެ ކުޑަ ޖާގައިގައި ޖެނެރަލް ކާގޯއާއި ކުރިއާ މެދުވެރިކޮށް އަންނަ މުދާ ކްލިއާ ކުރުން ވެފައިވަނީ އުނދަގޫ ކަމަކަށް ޝަރީފު ވިދާޅުވި އެވެ. އެހެންކަމުން ކުރިއާ ހިދުމަތް ދިނުމަށް ވަކި ޓާމިނަލެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ކުރިއާ މެދުވެރިކޮށް އަންނަ މުދާ ކްލިއާ ކުރުން އަވަސްކުރުމަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިއާ ކާގޯ ވަކި ޔުނިޓެއް ގާއިމްކޮށްގެން ވަކި އޮފިސަރުންތަކެއް އެ ޔުނިޓަށް ކަނޑައަޅައިގެން މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ވޯލްޑް ބޭންކުން ކޮށްފައިވާ ސާވޭއިން ދައްކާ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އޮންލައިން ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދަނީ ރާއްޖޭ އެވެ.