މަރުކަޒީ ބޭންކު، އެމްއެމްއޭއިން ގާއިމުކުރާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ދެ ބޭންކުން އެ ހިދުމަތް ޓެސްޓިން ފަށައިފި އެވެ.

މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަންނީ މި ހިދުމަތް ފެށުމަށް ޓެސްޓިން މަރުހަލާތައް ކުރިއަށް ގެންދަމުންނެވެ.

މި ދެބޭންކުގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެކު ވެސް އެމްއެމްއޭއިން ވަނީ މި ހިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އާ ޕޭމަންޓް ނިޒާމާއެކު މޯބައިލް ފޯނު ބޭނުން ކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުން ކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ، މިއީ ވަރަށް ގިނަ ބައެއްގެ އުއްމީދާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށާއި ނަމަވެސް މިއީ ރާއްޖޭގެ މާލީ ނިޒާމަށް އަންނަ ޖުމްލަ ހައްލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ އެ ހައްލު ގެނެސްދޭން މަގު ކޮށައިދޭ މެދުވެރިޔާ ކަމަށެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަރުމާކޮށްފައި ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއި ރައްކާތެރިކަމާ އެކު މާލީ މުއާމަލާތްތައް ވަގުތުން ކުރެވޭނެ ގޮތަށެވެ.