އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށި ސިޓީ ހޮޓާ ހިންގާނެ ބަޔަކު ނުވެއްޖެނަމަ އެތަން އެހެން ކަމަކަށް ބޭނުންކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެސްޓީއޯއިން ހަދަން ފެށި ސިޓީ ހޮޓާގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީއަށް ވެސް ލިބޭ ގޮތަށް އެސްޓީއޯއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ސިޓީ ހޮޓާގެ މަޝްރޫއު ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭ ރަނގަޅު ލޮކޭޝަނެއްގައި އިމާރާތެއް އަޅާ ބޭނުން ނުކުރެވި ހުންނަތާ ވަރަށް ދުވަސްވެއްޖެ. އަޅުގަނޑުމެން މި ބަލަނީ ކައިރި މުސްތަގުބަލެއްގައި އެތަން ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގެ ކޮންކްރީޓާއި ރޭނުމާއި މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަން ޖެހޭނީ ހަމައެކަނި ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭ ރަނގަޅު ލޮކޭޝަނެއްގައި އިމާރާތެއް އަޅާ ބޭނުން ނުކުރެވި ހުންނަތާ ވަރަށް ދުވަސްވެއްޖެ. އަޅުގަނޑުމެން މި ބަލަނީ ކައިރި މުސްތަގުބަލެއްގައި އެތަން ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން،" ސުހައިލް ވިދާޅުވި އެވެ. "މިހާރު އެތަން ބޭނުން ކުރަމުން އަންނަނީ އެސްޓީއޯގެ ބައެއް މުދާތައް ބެހެއްޓުމަށް."

މިކަމާ ބެހޭ ގޮތުން އެސްޓީއޯގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްގީކުރަން ފެށީ ހުޅުމާލެއިން ބިމެއް އެސްޓީއޯއިން ހޯދީ 2007 ވަނަ އަހަރު އެވެ. އަދި "ރެޑިސަން ބްލޫ" ގެ ނަމުގައި ހޮޓާ ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ހޮޓާ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރު އެވެ.

އެ ހޮޓަލުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ ދިހަ މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގާފަ އެވެ. ނަމަވެސް އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލި އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދިޔައީ ހޮޓާ ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ހޮޓަލަކީ އެކި ފަންތީގެ 250 ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީކުރަން ފެށި ތަނެކެވެ. މީގެ އިތުރުން އެތަނުގައި ޝޮޕިން އާއި ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލްއާއި އެހެނިހެން ޚިދުމަތްތައް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.