ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ގދ. ގެ ބައެއް ރަށްރަށުގައި ހިންގާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު އާއި ޓީމެއް އެ އަތޮޅަށް ވަޑައިގެންފި އެވެ.

އާރުޑީސީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ފެށި މިދަތުރުގައި އެންމެ ފުރަތަމަ އެމްޑީ އާއި ޓީމު ވަޑައިގެންނެވީ ގދ. ގައްދުއަށް ކަމަށެވެ. އަދި ގައްދުއަށް ވަޑައިގެން މަގުހެދުމުގެ މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާރުޑީސީގެ އެމްޑީއާއި ޓީމު ގދ. މަޑަވެލީ ކޯޒު ސަރަހައްދު މިއަދު ބައްލަވާލައްވަނީ. ފޮޓޯ: އާރުޑީސީ

ގައްދުއަށް ފަހު އިއްޔެ ވަޑައިގެންނެވީ އެ އަތޮޅު ތިނަދުއަށެވެ. ތިނަދުއަށް ވަޑައިގެން ތިނަދޫ ހައުސިން ޔުނިޓްތަކުގެ ލޭންޑް ސްކޭޕިން މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ. އަދި ތިނަދޫގައި މިހާރު ކުރިއަށްދާ ލޭންޑްސްކޭޕިން މަޝްރޫއާ ގުޅޭގޮތުން ތިނަދޫ ކައުންސިލާއި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާ މެމްބަރު އަބްދުﷲ މުޣުނީ ވެސް ބައްދަލުކުރި ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީގެ އެމްޑީއާއި ޓީމު އިއްޔެ ގދ. ތިނަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާ ބައްދަލުކުރައްވަނީ. ފޮޓޯ: އާރުޑީސީ

އެ ކުންފުނިން ބުނީ އެމްޑީ އާއި ޓީމު މިއަދު ވަނީ އެ އަތޮޅު މަޑަވެއްޔަށް ވެސް ވަޑައިގެން އެ ރަށުގެ ކޯޒްވޭގެ ހާލަތު ވެސް ބައްލަވާލެއްވި ކަމަށެވެ.

އާރުޑީސީންގެ ޓީމާއެކު މަޑަވެލި ދަތުރުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފާއި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.