ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ ކާނިވަލް މާދަމާ ބާއްވަން ނިންމައިފި އެވެ.

މާދަމާ އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގް ގެ ހަރަކާތްތައް ހިމެނިފައިވެ އެވެ.

މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައި ވަނީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެ އެވެ.

ވަނުން މުޅިން ހިލޭ މި ކާނިވަލްގައި، ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކު އިންޑޮނީސިއާގެ ބާލީއަށް ހަތް ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއި އެކު ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމުގެ ގޮތުން، މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ، މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ވެސް ޒިޔާރަތް ކުރަން ޖެހޭ ތަނަކަށެވެ.