ށ. މަތިކޮމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތި ކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ށ. މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދަނީ ޗާޓާކުރެވިފައިވާ ޑްރެޖާ "ފިލިޕޯ ބްރުނެލޭޝީ" ބޭނުންކޮށްގެންނެވެ. އެންމެ ފަހުން އެމްޓީސީސީން ނިންމާލި އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތަށް ވެސް ބޭނުންކުރީ މި ޑްރެޖަރެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން ހިމެނޭ ކަމަށެވެ. އަދި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

މަތި ކޮމަންޑޫ ހިއްކާ، ކޮމަންޑޫއާއި ގުޅާލުމުގެ މަސައްކަތަކީ، ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.

މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖްގެ މަސައްކަތްވެސް އޯގަސްޓް މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ. ދެކޮމަންޑޫ ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއް ތަރައްގީކުރުމަށްވަނީ ނިންމާފަ އެވެ. މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ 249.90 މިލިޔަން ރުފިޔާ ހަރަދުކޮށްގެންނެވެ.