މި އަހަރުގެ މިހާތަނަށް 1،050،661 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމުލަ 1,050,661 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.4 އިންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 926،275 ފަތުރުވެރިންނެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 593،956 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމު ހިމެނޭ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރަޝިޔާ އެވެ. ދެ ވަނައަށް އިންޑިއާ އޮތް އިރު ތިން ވަނަގައި އޮތީ އިނގިރޭސިވިލާތެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,256 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 910 ގެސްޓްހައުސްގެ އިތުރުން 161 ސަފާރީ އާއި 13 ހޮޓެލް ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 61,554 އެނދު އޮޕަރޭޓްކުރެ އެވެ.