ދިހަ ހާސް ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ރާއްޖެ އެތެރެކުރާ ނަމަ މިއަދުން ފެށިގެން ޑިކްލެއާކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފައި ވަނީ ރާއްޖެއަށް ފައިސާ އެތެރެ ކުރުމާއި ފައިސާ ބޭރުކުރުމުގައި ދިވެހި ރުފިޔާއިން ނުވަތަ ބޭރުގެ އެހެން ގައުމެއްގެ ފައިސާއަކުން ނަމަވެސް، އެ ޢަދަދު ނުވަތަ އެއަށް ވުރެ މަތީގެ އަދަދަކުން އެތެރެކޮށް، ބޭރުކުރާނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ކަސްޓަމްސަށް ރިޕޯޓް ކުރަންޖެހޭ އަދަދަށް އެމްއެމްއޭއިން ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން ކަމަށް ކަސްޓަމްސް އިން ކުރިން ބުނެފައިވެ އެވެ. އެހެންކަމުން މިއަދުން ފެށިގެން، 10،000 ޑޮލަރަށް ވުރެ މަތިން ނަގުދު ފައިސާ ބޭރުކޮށް އެތެރެކުރާނަމަ، ކަސްޓަސް އަށް ރިޕޯޓުކުރަން ޖެހޭނެ އެވެ.

އެމްއެމްއޭ އިން 2019ވަނަ އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ވެސް ވަނީ ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ މިންވަރަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން އޭރު ކަނޑައަޅާފައިވަނީ 20،000 ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ އަދަދަކުން ރާއްޖެއަށް ފައިސާ އެތެރެކުރާ ނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަމަވެސް ކަސްޓަމްސްއަށް ރިޕޯޓްކުރަން ޖެހޭ ގޮތަށެވެ.