އެސްޓީއޯއަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 303 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 3.7 ބިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު ދަށްކުރުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 804 މިލިއަން ރުފިޔާ އެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަށްވުރެ އެއް ޕަސެންޓުގެ ދަށްވުމެކެވެ.

އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 428 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 15 ޕަސަންޓުގެ ދަށްވުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި 373 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މާލީ ހިސާބުތަކުން ދައްކަ އެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު 18 ޕަސެންޓުގެ ދަށްވުމެކެވެ.

ދެވަނަ ކުއާޓަރުގެ ފައިދާ އޭގެ ކުރީގެ ކުއާޓަރާ އަޅައިބަލާއިރު ދަށްވި ނަމަވެސް މި އަހަރުގެ ޖޫން މަަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅައިބަލާއިރު 366 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.