އިންޓަނެޓަކީ ޑިޖިޓަލް މީޑިޔާގެ އެއްބަޔެވެ. އެހެންކަމުން އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މީޑިއާގެ ރޯލަކީ ވަރަށްވެސް ބޮޑުރޯލެވެ. އިންޓަނެޓްގައިވާ ކޮންޓެންޓަށް ބަލާއިރު ކޮންޓެންޓް ބެހިގެންދަނީ މައިގަނޑު ގޮތެއްގައި ޚަބަރާއި ނިއުސްލެޓާ، ވެބްސައިޓްތަކާއި، އިޝްތިހާރާއި، އިންޓަނެޓް ބޭސްޑް ޓީވީ އަދި ރޭޑިއޯ ޗެނަލްތަކާއި، މުނިފޫހި ފިލުމަށް ޚާއްސަވެގެންވާ ކޮންޓެންޓަށެވެ.

ވެބްސައިޓްތަކުގެ ތެރޭގައި ވިޔަފާރި ވެބްސައިޓްތަކުން ފެށިގެން މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވީޓަރފަދަ ސޯޝަލް މީޑިއާ ސައިޓްތައް ހިމެނެއެވެ. އެމޭޒަން ޕްރައިމް އާއި ނެޓް ފްލިކްސްފަދަ ފިލްމް ސައިޓުތަކާއި، ފޯޓްނައިޓް އަދި ޕަބްޖީފަދަ އޮންލައިން ގޭމްތަކަކީ މުނިފޫހި ފިލުވުމަށް ޚާއްސަ ކުރެވިފައިވާ އޮންލައިން ކޮންޓެންޓެވެ. ޒަމާންވީ ލައިބްރަރީތަކުގައިހުރި ފޮތްތައް އޮންލައިން ލައިބްރަރީގެ ޚިދުމަތްތައް މެދުވެރިކޮށްވެސް ލިބެން އެބަހުއްޓެވެ.

ޑިޖިޓަލް މީޑިއާއަށް ބަލާއިރު ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި ކޮންމެ ފަރުދަކީވެސް ނޫސްވެރިއެކެވެ. ވިޔަފާރިވެރިއެކެވެ. އަދި މުނިފޫހި ފިލުވައިދޭ ފަންނާނެކެވެ. އެހެނީ މިޔަދުގެ ހަގީގަތަކީ މިއިން ކޮންމެކަމެއް ކުރުމަށް ބޭނުންވަނީ ތިމާއަތުގައިވާ ސްމާޓްފޯނު ކަމެވެ. ހިނގަމުންދާ ހާދިސާއެއްގެ ލައިވް ކަވަރޭޖް ގެނެސްދިއުމަށް ބޭނުންވަނީ އެފޯނުން ލައިވް ސްރީމެކެވެ. ކަމަކާމެދު ތިމާ ދެކޭގޮތް އަންގާދިނުމަށްޓަކައި ބޭނުންވަނީ އަމިއްލަ ބޮލްގެއްގައި އެކަންޝާއިޢުކުރުމެވެ. ލިޔެފައިވާ އާޓިކަލްއަކާއި ގުޅިގެން ޝުއޫރު ފާޅުކުރުމުގެ ގޮތުން ހިފެހެއްޓުމެއްނެތި ބަސްބުނުމު ބާރާއި އިޙްތިޔާރު އިންޓަނެޓުގެ ޒަރީއާއިން މޯބައިލް ފޯނު މެދުވެރިކޮށް މިއަދުވަނީ ލިބިދީފައެވެ.

ވިޔަފާރިއެއް ހިންގަން ބޮޑުޖާގަ ނެގިދުވަސްވެސް މިއަދުވަނީ މާޒީވެގޮސްފައެވެ. އޮންލައިންކޮށް ވިޔަފާރި ހިންގުމާއި، ކަސްޓަމަރުން ބޭނުންވާ ތަކެއްޗަކީ ކޮބައިކަން ދެނެގަނެވުމާއި، ތަކެތީގެ އަގު ވަގުތުން ބަލާލެވުމާއި، އެކަތި އަނެކައްޗާއި ފަސޭހަކަމާއެކު އަޅާކިޔާދެވުމާއި، ވިޔަފާރި އިސްތިހާރުކުރުމަކީ ފަސޭހަކަމަކަށް ވެއްޖެއެވެ. ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ތިމާގެ ކިބަގައި ހުރި ހުނަރުތައް ދައްކާލުމަކީ ކުޑަކުއްޖަކަށްވެސް މިއަދު ކުރެވިދާނެ ކަމެކެވެ.

މިހުރިހާ ކޮންޓެންޓެއް އެބޭނުންކުރާ މީހާގެ އިނގިލި ކުރިއަށް ރައްކާތެރި ކަމާއިއެކު ގެނައުމުގައި މީޑިޔާއިން ގިނަ މަސައްކަތްތަކެއް ކުރެކެވެ. މިގޮތުން ސަބްސްކްރިޕްޝަން ކޮންޓްރޯކުރުމަކީ ގެނެސްދެވޭ ތަކެއްތި އުމުރުފުރައާއިގުޅޭ ތަކެތި ކަމުގައި ކަށަވަރުކުރުމަށްޓަކައި މީޑިއާއިން އެންމެ ގިނައިން ބޭނުންކުރާ އެއްގޮތެވެ. ނެޓްފްލިކްސް ކިޑްސް އެކްސްޕީރިއަސްއާއި ޕޭރަންޓަލް ކޮންޓްރޯލް ފަދަ ވަސީލަތްތަކުގެ ސަބަބުން ކުދިންގެ އުމުރު ފުރައާއި ނުގުޅޭ ކޮންޓެންޓުން އެކުދިންނަށް ރައްކާތެރިކޮށް ދެވިދާނެވެ. އަދި އެކުދިން ބަލަނީ ކޮންއެއްޗެއްކަން ދެނެގަނެވިދާނެވެ. މިކަން މިކުރެވެނީ އެސައިޓަކުން ލިބެންހުންނަ ކޮންޓެންޓް ވަކި މިންގަނޑުތަކެއްގެ ދަށުން ރޭޓްކުރެވި އެކަށީގެންނުވާ ތަކެތި ފިލްޓަރ ކުރެވިގެންނެވެ.

އޮންލައިން ނޫސް އާޓިކަލްތަކަށް ކުރާ ކޮމެންޓްތަށް މޮޑަރޭޓްކުރުމަކީވެސް މުޖުތަމައު ބަލައިގަންނަފަދަ ތަކެތި ކަމުގައި އެތަކެތި ހެދުމަށް ކުރެވެމުންދާ މަސައްކަތުބައެވެ. ފަހުގެ ތާރީޚުގައި މިގޮތުން އެންމެ ފާހަގަ ކުރެވުނު އެއްކަމަކަށް ވެގެން ދިޔައީ އެމެރިކާގެ ރިޔާސީ ކެމްޕޭންގެ ރޭހުގައި ޓްވިޓަރއިން އެޕްލެޓްފޯމްގައި ތެދުނޫން މައުލޫމާތުކަން އަންގައިދިނުމުގެ ގޮތުން ބައެއް ޓްރީޓްތަކުގައި ވޯނިންގ އަދި ރެސްޓްރިކްޝަން އެޅިގެން ދިއަކަމެވެ. އެންމެ އާޓިކަލްއެއް ކިޔާ އެތައްބަޔަކު އެއާޓިކަލަކަށް ކޮމެންޓްކުރާއިރު މޮޑަރޭޓްކުރުމަކީވެސް ބުރަ ކަމެކެވެ. ގިނަ މީޑިޔާ ކުންފުނިތަކަކީ ޓްވިޓާހާ ބޮޑެތި ކުންފުނި ތަކެއްނޫނެވެ. އެހެންކަމުން ކަންކަމާއިމެދު ޚިޔާލުފާޅުކުރުމުގައި ތިމާގެ އަމިއްލަ އަބުރު ރައްކާތެރިކުރަން އެދޭފަދައިން އަނެކާގެ އަބުރު ނުގެއްލޭނެހެން، ހުރިހާ އުމުރަކާވެސް އެކަށީގެންވާ އިބާރާތަކުން ކޮމެންޓްކުރުމަކީ އިންޓަނެޓްގެ ރައްކާތެރި ކަމަށްޓަކައި އުފުލަންޖެހޭ ފަރުދީ ޒިންމާއެއްކަން ދަންނަންޖެހެއެވެ.

ރާއްޖޭގައިވެސް މީޑިއާ ކޮންޓެންޓް ރޭޓްކުރުމުގައި މިންގަނޑުތަކެއްވަނީ ކަނޑައެޅިފައެވެ. މީޑިއާތަކުން ކޮންޓެންޓް ހެދުމުގައި މިމިންގަނޑަށް އަމަލުކުރުމުގެ އިތުރުން އެކިއުމުރު ފުރާއަށް ޚާއްޞަކޮށްގެން ޕްރޮގްރާމްތައް ގެނެސްދިނުމުގައި ދުވަހުގެ ޚާއްޞަ ވަގުތުތަކެއްގައި އެޕްރޮގްރާމްތައް ގެނެސްދޭތަން ފެނެއެވެ. ނަމަވެސް މިތަކެއްޗަކީ އޮންލައިންވުމަށްފަހު ބޭނުންވަގުތެއްގައި ލިބެން ހުންނަ ތަކެތިކަމުން މިކަމުގައި އިތުރު ގޮތްތަކެއްވަނީ ހޯދަންޖެހިފައެވެ.

އިންޓަނެޓްއިން ލިބިދޭ ފައިދާތަކާއި ހުރި ހިރާސްތަކާއިމެދު މުޖުތަމައު ހޭލުންތެރިކުރުވުމުގައިވެސް މީޑިޔާއިން ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގައެވެ. އެގޮތުން ޓެކްނޮލޮޖީއާއިގުޅޭ ތަފާތު ޕްރޮގްރާމްތަކާއި، CNET.com އަދި compterworld.com ފަދަ އޮންލައިން ސައިޓްތަކާއި، އާޓިކަލްތައް މެދުވެރިކޮށް ޓެކްނޮލޮޖީއާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއެވެ. މީގެތެރޭގައި އިންޓަނެޓް ރައްކާތެރި ކަމާއިއެކު ބޭނުންކުރާނެ ގޮތާއި، ޑިޖިޓަލް އައިޑެންޓިޓީގެ ރައްކާތެރިކަން ހިފެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކަމަށް އަގުދީފަ ގަންނަން ލިބެންހުރި ތަކެއްޗާއި ޚިދުމަތްތަކުގެ އިތުރުން ހިލޭލިބޭ ޚިދުމަތްތަކުގެ މަޢުލޫމާތުވެސް ގެނެސްދެއެވެ.

ޑިޖިޓަލް މީޑިޔާއަށް ބަލާއިރު ސްމާޓް ފޯނުގެ މިޒަމާނުގައި އެންމެ ގިނަ ކޮންޓެންޓް އުފައްދަނީ އަމިއްލަ ފަރާތްތަކުންނެވެ. އެފަދަ ކޮންޓެންޓް ރޭޓްކުރުމަކީ އެކޮންޓެންޓެއް ތައްޔާރުކުރާ ފަރާތައް ފަސޭހަކަމެކެވެ. އެތަކެތި ވެބްސައިޓަށް އަޕްލޯޑްކުރުމާއި ސަބްސްކްރިޕްޝަން ކޮންޓްރޯކުރުމަކީވެސް ފަސޭހަކަމެއް މެއެވެ. ނަމަވެސް އެކޮންޓެންޓެއް ބަލަނީ ސަބްސްކްރިޕްޝަން ނެގި ފަރާތްތޯ ކަށަވަރު ކުރުމަކީ ނާދިރުކަމެކެވެ. އެހެނީ ކޮންޓެންޓް ގޮސްހުއްޓޭ ޑިވައިސްގެ ކޮންޓްރޯލް އޮންނަނީ އޭގެ ވެރިފަރާތުގެ އަތުގައި ކަމުގައިވާތީއެވެ. އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ގޮތުން ލިޔާ އެއްޗަކާއި، ކުރާނެ ޕޯސްޓެއް ނިންމާނީ އަމިއްލައަށް ކަމުގައިވާތީއެވެ. މިކަމުގައި ވިސްނަންވީ ކަމަކީ ލިޔުމެއް، އޯޑިއޯއެއް ނުވަތަ ވިޑިއޯއެއްވިޔަސް ޕޯސްޓްކުރުމުގެ ކުރިން އެތަކެތި އެއީ ތިބާގެ އިތުރުން ކުޑަކުދިންނާއި ތިބާގެ އާއިލާއާއި މުޖުތަމައުގެ އެހެންފަރުދުންވެސް ބަލަންކަމުދާ ތަކެތިކަމުގައި ހެދުމަށެވެ. މިއަދު އަޅުގަނޑުމެން ކޮންމެ މީހަކީ ޑިޖިޓަލް މީޑިޔާގެ ހިއްސާދާރެއްގެ ގޮތުން ފަރުދީ ޒިންމާ އަދާކުރުމަށެވެ.

Editors Note

މިއީ ސައިޓެކް ރީލްގެ ނަމުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އިން ގެނެސްދޭ ޕްރޮގްރާމްގެ 15 ވަނަ އެޕިސޯޑުގެ ރިޕޯޓެވެ.