ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ސިޗުއާން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އިއްޔެ ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް)އިން ބުނީ ސިޗުއާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ހަފްތާއަކު ތިން ދުވަހު އޮންނާނެ ކަމަށެވެ.

މި ދަތުރުތައް އޮންނާނީ ޗައިނާގެ ޗެންގްޑޫ ޓިއަންފޫ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މިއީ ޗައިނާގެ އެންމެ ކާމިޔާބި އެއް އެއާލައިނެވެ. މި އެއާލައިންގެ ދަތުރުތައް އިއްޔެ ރާއްޖެއަށް ފެށިއިރު ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް 186 ފަސިންޖަރުން އައިސްފައިވެ އެވެ.

ޗައިނާގެ ސިޗުއާން އެއާލައިންގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރާއްޖެ އިއްޔެ އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުން ވޯޓާ ސެލިއުޓެއް ދެނީ.

މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު 3 އަކަށް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ޗައިނާ ބެއިޖިން ކެޕިޓަލް އެއާލައިނާއި އަދި ޗައިނާ އީސްޓަން އެއާލައިން ހިމެނެ އެވެ.

މީގެ އިތުރުން ޗައިނާ ބެއިޖިން ކެޕިޓަލް އެއާލައިނުން ހަފްތާއަކު ޗާޓަރު ފްލައިޓެއް އަންނަނީ ބާއްވަމުންނެވެ. އަދި ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު އަންނަނީ ޝެޑިއުލް ދަތުރެއް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ތިން އަހަރެއްހާ ދުވަސް ވަންދެން ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އައުން މެދުކެނޑިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އަލުން ވަނީ އެ ގައުމުން ރާއްޖެއަށް ދަތުރުތައް ފަށައިފަ އެވެ.

ޗައިނާގެ ސިޗުއާން އެއާލައިންގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރާއްޖެ އިއްޔެ އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާ މިވަގުތު ހިމެނެނީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގަ އެވެ. އެގޮތުން ޖުލައި 30 ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 91،555 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

މިހާރު މުޅި ދުނިޔޭގެ 30 އަށްވުރެ ގިނަ މަންޒިލުން 40 އަށްވުރެ ގިނަ އެއާލައިނުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.