މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން ގުޅިގެން ބާއްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2023" އަކީ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ ސީރީޒްގެ ދެވަނަ އެޑިޝަން އެވެ. މި އިވެންޓަކީ އޭޝިއާ ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ބޮޑީބޯޑިން އިވެންޓަށް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އިވެންޓް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައި ރޭޓް ކުރެވިފަ އެވެ. އެގޮތުން މި އަހަރުގެ އިވެންޓަށް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބޮޑީބޯޑަރުންނާއެކު މިދިޔަ ފަހަރަށް ވުރެ ދެގުނަ އިތުރަށް އެތުލީޓުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އިވެންޓް ކުރިއަށްދާނީ މިއަދުން ފެށިގެން 12 ގެ ނިޔަލަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ.

ދިރާގުގެ ކަސްޓަމަރ ސާރވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސްގެ ޑިރެކްޓަ މަސްއޫދު އަލީ ވިދާޅުވީ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" އައިބީސީ ބޮޑީބޯޑިން ވަރލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަށްވެ، ދެވަނަ ފަހަރަށް މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މީގެ އިތުރުން ރާއްޖޭގައި ބޮޑީބޯޑިން ހަލުވިކަމާއެކު ކުރިއަރަމުން އައުމާއި، އަޅުގަނޑުމެންގެ ގައުމީ އެތުލީޓުން ރާއްޖޭގެ ރާޅުތަކުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިދާލާ ތަން ފެނުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" މަސްއޫދު ވިދާޅުވި އެވެ.

އެމްބީބީއޭގެ ރައީސް، އަބްދުالله އަރީފް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މި އިވެންޓް ދެވަނަ ފަހަރަށް ރާއްޖޭގައި ކުރިއަށް ވުރެ ފުރިހަމަކޮށް ގެނައުމުގައި ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

"މިއަހަރު ރާއްޖޭގައި ބާއްވާ މި އިވެންޓަކީ އައިބީސީ ޓުއާގެ ރޭންކިންއަށް ވަރަށް މުހިންމު އިވެންޓެއް. އެހެންކަމުން މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ބޮޑީބޯޑަރުން އައިސް، ރާއްޖޭއަކީ ކުރިއަރާފައިވާ ބޮޑީބޯޑިންގ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވުމަށް އިތުރަށް މަގުފަހިވެގެންދާނެ،" އަރީފް ވިދާޅުވި އެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.