ރިސޯޓުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ކޮންޓްރޯލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ރޭ ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދުވަސްވަރު ރިސޯޓުތަކުން ޕޮޒިޓިވް ކޭސް ފެންނަމުންދާ މިންވަރު އިތުރު ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރު 28 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާ އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކުން ގިނައިން ޕޮޒިޓިވްވަމުންދަނީ އެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން. އެ މީހުން މިހާރަށް ވުރެ މާ ބޮޑަށް ސަމާލުވެ، ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އައުޓްބްރޭކް އައިސްފައިވާ ރިސޯޓުތަކާއި، އެހެން ރިސޯޓުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު ބަލި ފެތުރޭ ގޮތް ދެނެގަތުމާއި، އިތުރަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެކަމާ ބެހޭ ގިނަ މަޝްވަރާތަކެއް ޓޫރިޒަމް މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުން ފެންނަމުންދާ ކޭސްތައް އިތުރުވަމުންދާތީ މީގެ ކުރިން ވެސް އެޗްއީއޯސީން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ.

އެ ސެންޓަރުން ބުނެފައި ވަނީ ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓުނުކުރާ ކަމަށެވެ. އަދި މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތް ކުރުމަށްދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަކަން ފާހަގަކުރެވިފައިވާ އެ ސެންޓަރުން ބުންޏެވެ.

އެޗްއީއޯސީން ބުނީ ބައެއް ރިސޯޓުތަކުގައި މުވައްޒަފުން އުޅޭ ސަރަހައްދުގައި މާސްކް ނޭޅުމާއި ސޯޝަލް ޑިސްޓެންސް ނުބަލާ ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށެވެ.