މަނީ ޗޭންޖަރުންގެ އަހަރީ ފީ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ އިއްޔެ އިން ފެށިގެން މި އަހަރަށް ދައްކަން ޖެހޭ މަނީ ޗޭންޖަރުންގެ އަހަރީ ފީ އެ އޮތޯރިޓީގެ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މަނީ ޗޭންޖަރުންގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ފީ ދައްކާ ނިންމަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއެމްއޭއިން މަނީޗޭންޖަރުންގެ އަހަރީ ފީ ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައިވާ އިރު ދާދި ފަހުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރުން މެދުކަނޑާލާފައިވެ އެވެ.

ރާއްޖޭގެ އާބާދީއާ އަޅައި ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރިތަކަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ދޫކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ކުރިން ބުނެފައިވެ އެވެ.

މަނީ ޗޭންޖަރުންގެ ޚިދުމަތް ދިނުމަށް، 300 އަށްވުރެ ގިނަ ފަރާތަކުން ލައިސަންސް ނަގާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.