ދ. މީދޫގެ ފެނަކަ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، އެރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ފެނަކަ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައި އަދި އެރަށުގައި ގާއިމްކުރެވުނު ފެނުގެ ހިދުމަތް އިފްތިތާޙް ކޮށްދެއްވީ މިއަދު އެރަށުގެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ފެނަކަ ކޯޕަރޭޝަނުން، މީދޫގައި އިމާރާތްކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިމާރާތްތަކެކެވެ. މީދޫގައި ކުރިން ހިންގަމުން އައި 22 އަހަރުވީ އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވީނަމަވެސް އައު އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގަ އެވެ.

ދ. މީދޫގައި، ގާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫއުކެވެ. މި މަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިގެންނެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި، މިހާރުވަނީ ފެނުގެ ކަނެކްޝަންތައް ގޭގެއަށް ގުޅައިދީފަ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގައިފަ އެވެ. އަދި މިހާރު ވެސް ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް އެކި މަރުހަލާތަކުގައި ދަނީ ހިންގެމުންނެވެ.