ބިއްލޫ ޕެލެޓެއްގެ ދަށުވެ މީހަކު މަރުވުމުން ބަނދަރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

ޕެލެޓް ދަށުވި މީހަކު މަރުވި ހާދިސާއާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ބަނދަރުގައި ހިންގަމުންދާ މައިގަނޑު އޮޕަރޭޝަންސްތަކަކީ ނުރައްކާތެރި މަސައްކަތްތަކެއް ކަމަށެވެ.

"އެހެންކަމުން، ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަށް މި ކުންފުނިން ބޮޑު ސަމާލުކަމެއް ދޭ. ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް، މި ކުންފުނިން ވާނީ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައަޅައިފައި. އަދި ވިޔާފަރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ބޮޑު މާހައުލެއް ޤާއިމްކުރުމަކީ މި ކުންފުނިން ނުހަނު ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެމްޕީއެލް އިން ބުނީ މަދުން ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގާ ކަމަށާއި އެ ފަދަ ކޮންމެ ހާދިސާއަކަށް ފަހު، ކަން ހިނގި ގޮތް ރަނގަޅަށް ބަލައި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މި ކުންފުނިން އަޅާފައިވާ ކަމަށެވެ.

"އެހެން ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގައި 7 ޖަނަވަރީ 2021 ވަނަ ދުވަހުގެ ރޭ، ހާސާ އިންވެސްޓްމަންޓް ގުރޫޕުން ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގައިފައި. މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް، އެ ގުރޫޕްގެ މުވައްޒަފެއް ކަމަށްވާ ޢަބްދުﷲ އާސިމް، ފޭރުގަސްދޮށުގެ / ނ. ލަންދޫ ނިޔާވުމަކީ މި ކުންފުނިން ނުހަނު ހިތާމަކުރާ ކަމެއް،" އެ ކުންފުނިން ބުންޏެވެ.

މަރުވި އާސިމްގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުން އެ އެމްޕީއެލް އިން ބުނީ އެ ހިތާމަވެރި ޙާދިސާ ދިމާވި ސަބަބުތައް ދެނެގަނެ، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މި ކުންފުނިން އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން މުދާ ކްލިއަރކުރާ ކުންފުނިތަކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

"ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދާ މުދާ ކްލިއަރކުރާ ކުންފުނިތަކާއި އަދި އެހެން ފަރާތްތަކުން ވެސް، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަން ދިނުމަށް މި ކުންފުނިން އިލްތިމާސްކުރަން. އަދި މާލެ ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރި މާޙައުލެއް ކަށަވަރުކުރެވޭނީ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރަން،" އެމްޕީއެލް އިން ބުނެފައިވެ އެވެ.