މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ލިބެން ހުރި ފައިނޭންސިން ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ލިވިން އެކްސްޕޯގައި ބީއެމްއެލްގެ އިސްލާމިކްއިން ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް ވެސް ލިބިގެންދާނެ ކަމަށެވެ.

ލިވިން އެކްސްޕޯ އޮންނާނީ މި މަހުގެ 10 އިން 12 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޮށްދެމުންނެވެ. ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުވަނީ 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑްވެސް 24 މަހާ ހަމަޔަށް އިތުރުކޮށްފަ އެވެ. މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް މިވަނީ ފައިނޭންސިންގ އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފަ އެވެ.