މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ބާއްވާ "އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023" ގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިލާ ނޯޓިކާ ޕެރަޑައިސް މޯލްޑިވްސް ރިސޯޓްގަ އެވެ.

މި އަހަރުގެ ފޯރަމްގެ ޝިޢާރަކީ "ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިންގ ތުރޫ ދިސް ކޭއޮސް" އެވެ. އެގޮތުން މި ޝިޢާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމެންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކަށް އަލިއަޅުވާލާނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ކީނޯޓް ސްޕީކާރ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިން ސެޝަންތައް މެދުވެރިކޮށް އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓް ސްޕެޝަލިސްޓުންނާއެކު ވާހަކަދައްކާ މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.

ރާއްޖޭގެ އަސާސީ ޚިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ދަނީ ޚާއްސަ އަހައްމިއްޔަތު ކަމަކާއި އެއްބާރުލުންދެމުންނެވެ.