އައިލެންޑް އޭވިއޭޝަންގެގެ މަތިންދާބޯޓު ދަތުރުތަކުގައި ޕަސެންޖަރުން ބުއިމަށް ބޭނުންކުރާ ޖޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޖޫސް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ. ރާވެރިގޭގައި ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. އަދި ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން ފެބުރުވަރީ 14 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޖޫސް ސަޕްލައިކޮށްދޭން އެދޭ ފަރާތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮވިޑް- 19އާ ގުޅިގެން މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގައި ފަސިންޖަރުންނަށް ޖޫސް ދިނުން ވަނީ ހުއްޓާލާފަ އެވެ. ޖޫހުގެ ބަދަލުގައި ފަހުން ދެމުންއައީ ފެންފުޅި އެކެވެ. ކުރިން ފަސިންޖަރުންނަށް ދެމުންގެންދިޔައީ "ލެކްނޯ" ބްރޭންޑް ގެ ޖޫހެވެ.

އައިއޭއެސްއިން ފަސިންޖަރުންނަށް ޖޫސް ދޭން ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނުގެ އާމްދަނީ 76 ޕަސެންޓް ވަނީ ދަށްވެފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ ކުއާޓަލީ ރިޕޯޓުގައި ވެ އެވެ. 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 457 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާ އެވެ.

ކުންފުނީގެ ހަރަދުތައް ފޫބައްދަން ބޭންކުން ވަރަށް ގިނައިން ފައިސާ ނުވަތަ އޯވާޑްރާފްޓެއް ނަގާއިފައިވާ އިރު މާލީގޮތުން ކުންފުނީގެ ހާލަތު ނާޒުކުކަން ފާހަގަކޮށް ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ޕީސީބީން ވަނީ ލަފާދީފަ އެވެ. އަދި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދައި، ކްރެޑިޓް ކޮންޓްރޯލް ޑިޕާޓްމެންޓުގެ މަސައްކަތް ހަރުދަނާ ކުރަން ވެސް ލަފާދީފައިވެ އެވެ.