ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ގްރޭންޑް ފިނާލޭ އަންނަ ހުކުރު ދުވަހު ދިރާގު ހެޑް އޮފީހުގައި ކުރިއަށް ދާނެކަމަށް އެކުންފުނިން ބުނެފި އެވެ. މި ގްރޭންޑް ފިނާލޭ އިވެންޓެ ކުރިއަށް ދާނީ ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގަ އެވެ.

ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް އަކީ 100،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގެ ފުރަތަމަ ހަތް ދުވަހުގެ މެޗުތައް ކުޅުނީ އޮންލައިންކޮށެވެ. އަދި މި މެޗުތައް ވަނީ ދިރާގުގެ ފޭސްބުކް އަދި ޔޫޓިއުބް ޕޭޖުން ލައިވްސްޓްރީމްވެސް ކުރެވިފައެވެ. ފޯރިގަދަ މެޗުތަކަކަށް ފަހު މުބާރާތުގެ ފައިނަލިސްޓުންގެ ގޮތުގައި ކުރިއެރީ ޓީމް ވިގަނި އަދި ޓީމް ސްލީޕިންގ ފޮރެސްޓެވެ.

މީގެ އިތުރުން، ގްރޭންޑް ފިނާލޭ އިވެންޓުގައި އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި ތަފާތު ވީ.އާރު ގޭމްތައްވެސް ކުރިއަށް ގެންދިއުމަށް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ. އަދި ފީފާ ޓޯނަމަންޓުން އެއް ވަނަ ލިބޭ ފަރާތަށް އިނާމެއްގެ ގޮތުގައި ޕްލޭސްޓޭޝަން 5 އެއް ލިބޭނެކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ. މި ޓޯނަމަންޓްގެ ބައިވެރިވާން ބޭނުން ފަރާތްތަކަށް ޙާއްސަ ޕޯޓަލްއެއް މެދުވެރިކޮށް މުބާރާތަށް ރަޖިސްޓަރ ކުރެވޭނެއެވެ. ފީފާ ޓޯނަމަންޓްގައި 35 ކުޅުންތެރިންގެ ލިމިޓެއް އޮތުމުން ވީއެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް ދިރާގުން ވަނީ ބައިވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.