ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕުގެ ކ. ވާވެއްދި ފަޅު އެސްޓޯރިއާ އިތާފުށީގެ އޯނަރުންނަށް ވިއްކާލައިފި އެވެ.

ވާވެއްދިފަޅު ވިއްކާލީ 20 މިލިއަން ޑޮލަރު (350 މިލިއަން ރުފިޔާ) އަށެވެ. އަދި މިހާރު ވަނީ އެ ފައިސާ ވެސް ވިލާއަށް ދައްކާފަ އެވެ.

އެ ފަޅު ގަތީ އިތާފުށީގެ އެއް އޯނަރު އަދި ގަތަރުގެ މަޝްހޫރު ވިޔަފާރިވެރިޔާ ރާމިޒު އަލް ހަޔާތްގެ ކުންފުންޏަކުންނެވެ. ވާވެއްދި ފަޅަކީ އިތާފުށި ކައިރީގައި އޮންނަ ފަޅެކެވެ.

ވާވެއްދި ފަޅު ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިތާފުށީގެ އެއް އޯނަރު މުހައްމަދު އަލީ ޖަނާހު އެވެ.

ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކޮށްފައި ވަނީ ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް އެވެ.

ކ. ވާވެއްދި ފަޅު 20 މިލިއަން ޑޮލަރަށް އެހެން ފަރާތަކަށް ވިއްކަން ނިންމައި ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައި ވަނިކޮށް އޭސީސީ އިން ވަނީ އެފަޅު ވިއްކުން މީގެ ކުރިން ވަނީ ހުއްޓުވާފަ އެވެ. އޭރު އޭސީސީ އިން ބުނީ އެ މުއާމަލާތް ހުއްޓުވީ އެފަޅާ ގުޅޭ ގޮތުން ހުށަހަޅަފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ މަހު އޭސީސީގެ އެނިންމުން ވަނީ ބާތިލްކޮށްފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވާވެއްދި ފަޅު ވިލާ ގްރޫޕުގެ އަތުން ވަނީ އަތުލާފަ އެވެ. އަދި އެފަޅު ސަރުކާރުން އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެމައްސަލަ ވިލާ ގްރޫޕުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ވިލާ ގުރޫޕާ އެއްކޮޅަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް މިހާރު ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކަށް ދައުވަތުދެއްވި އިރު ޖޭޕީއަށް ވެސް ދައުވަތު ދެއްވި އެވެ. އެހެން ނަމަވެސް ޖޭޕީން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. އެއާއެކު ގާސިމްގެ ވިޔަފާރިތަކަށް ސަރުކާރުން ޖެއްސުންކުރާ ކަމަށް ގާސިމް ގެންދެވީ ވިދާޅުވަމުންނެވެ.

މިދިޔަ މަހު 24 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ގާސިމް ވަނީ އޭނާގެ ވިލާ ކުންފުންޏަށް ދީފައި އޮތް ވާވެއްދި ފަޅު ވިއްކުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައި ވާތީ ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ގާސިމް ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.