ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން އެއާޕޯޓް ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ހދ.މަކުނުދޫ، ށ.ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ، ވ. ފޮއްތެޔޮފަޅު އަދި ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އެޅުމަށެވެ.

ވ. ފޮއްތެޔޮފަޅު ފިޔަވައި އެހެން ރަށްތަކުގައި އެއާޕޯޓް ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ވ. ފޮއްތެޔޮފަޅު އެއާޕޯޓް ފައިނޭސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރެވެ.

ސަރުކާރުން ބުނީ މަކުނުދޫ އެއާޕޯޓް އެޅުމަށް ހަރަދުވަނީ 29.9 މިލިއަން ޑޮލަރު ކަމަށާއި ބިލެއްފަހި އެއާޕޯޓް އެޅުމަށް 30.6 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތުޅާދޫ އެއާޕޯޓަށް 36 މިލިއަން ޑޮލަރު ހަރަދުވާއިރު މަގޫދޫ އެއާޕޯޓަށް 40 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށްވެސް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. މ ފޮއްތެޔޮފަޅުގައި އެއާޕޯޓް އެޅުމަށް 38 މިލިއަން ޑޮލަރު ހަރަދުވާއިރު ރ.އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 35 މިލިއަން ޑޮލަރު އަދި ތ.ވިލިފުށީގައި އަޅާ އެއާޕޯޓަށް 38.2 މިލިއަން ޑޮލަރު ވަނީ ހަރަދުވާނެކަމަށް ސަރުކާރުން ލަފާކުރައްވަ އެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެ އެވެ.